ޚަބަރު | 23 އޯގަސްޓް 2014 ވަނަ ދުވަހު ދިދި ގޯޅީގައި ހިނގައިދިޔަ މާރާމާރީއާ ގުޅިގެން ހުށަހެޅިފައިވާ ޓެރަރިޒަމްގެ ދަޢުވާއާ ގުޅިގެން ދައުލަތުން ހުށަހަޅާފައިވާ ޝަފަހީ ހެކިންގެ ހެކިބަސް ނަގައި ނިމިއްޖެ.

ޕަބްލިޝްކުރި ތާރީޚް: 2015.05.2523 އޯގަސްޓް 2014 ދުވަހު 20:45 އެހައިކަށްހައިއިރު، ދިދިގޯޅި ތެރޭގައި ހުންނަ ''އަގޯރާ އެކްސްޕްރެސް'' ފިހާރަ ކުރިމަތީގައި ބަޔަކު ތިއްބައި، ސައިކަލުތަކެއްގައި އެތަނަށް ދިޔަ ބަޔަކު، އެތާ ތިބި މީހުންނަށް ތޫނު އެއްޗަކުން ޙަމަލާދިނުމުގެ ސަބަބުން، ލިބުނު އަނިޔާތަކަށް ބޭސްފަރުވާކުރަމުން ދަނިކޮށް ތ.ތިމަރަފުށި ބުލޫނިޔާގެ އަސީލް އަޙްމަދު މަރުވެފައިވާތީ، ޤާނޫނު ނަންބަރ 10/90 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން ދެ ކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާ 12 ފެބްރުވަރީ 2015 ވަނަ ދުވަހު، ދައުލަތުން ޖުވެނައިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ދައުލަތުން ހުށަހަޅާފައިވާ ޝަފަހީ ހެކިންގެ ހެކިބަސް ނަގައި މިއަދު ނިމިއްޖެއެވެ. މި މައްސަލާގައި ދަޢުވާލިބޭ ކުދިންނާ ދެކޮޅަށް ދައުލަތުން ޝަފަހީ ހެކިންގެ ގޮތުގައި 05 މީހަކު ހުށަހަޅާފައިވާއިރު، މީގެ ތެރެއިން 04 މީހަކު ދެ ކުދިންގެ މައްޗަށް ހެކިބަސްދީފައިވާއިރު އެކަކު ހެކިބަސް ދީފައިވަނީ އެއް ކުއްޖެއްގެ މައްޗަށެވެ. ދައުލަތުގެ މި ހެކިންގެ ހެކިބަސް ނަގާފައިވަނީ، ކާކުކަން ނޭނގޭގޮތަށް އަޑުބަދަލްކޮށްގެން ސިއްރު ހެކިބަހެއްގެ ގޮތުގައެވެ. މި މައްސަލައާ ގުޅިގެން، ދެން އޮންނަ ދެ އަޑުއެހުމުގައި އޮންނާނީ، ދަޢުވާލިބޭ ކުދިންގެ ފަރާތުން ދިފާޢުގައި ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމެވެ.