ޚަބަރު | 15 ޖުލައި 2013 ވަނަ ދުވަހު 02:23 އެހައިކަށްހައިއިރު، ލ.ގަން/ތުނޑި،ވުޑްލޭންޑް އަޙްމަދު ނިޒާރަށް ބަޔަކު ޙަމަލާދިނުމުގެ ސަބަބުން އަޙްމަދު ނިޒާރު މަރުވެފައިވާތީ އެމައްސަލައާ ގުޅިގެން ޓެރަރިޒަމްގެ ކުށުގެ ދައުވާލިބޭ ކުއްޖާގެ މައްޗަށް މިއަދު ޙުކުމް ކޮށްފި

ޕަބްލިޝްކުރި ތާރީޚް: 2015.05.2815 ޖުލައި 2013 ދުވަހު 02:23 އެހައިކަށްހައިއިރު، ލ.ގަން/ތުނޑި،ވުޑްލޭންޑް އަޙްމަދު ނިޒާރު ލ.ގަން ސިނާއީމަގުން ދެކުނުން އުތުރަށް ސައިކަލުގައި ދުއްވާފައި ދަނިކޮށް، އެމަގުގެ މުކުރިމަގު ދިރާގު އެންޓަނާ ހުންނަ ސަރަހައްދާކައިރިން، ބަޔަކު ލަކުޑިބުރިއާއި ދަގަނޑުބުރިން އަޙްމަދު ނިޒާރުއަށް ޙަމަލާދިނުމުގެ ސަބަބުން އަޙްމަދު ނިޒާރު މަރުވެފައިވާތީ އެމައްސަލައާ ގުޅިގެން ޤާނޫނު ނަންބަރު 90/‏10 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު)ގެ 2 ވަނަ މާއްދާގެ (ހ)އާ ޙަވާލާދީ، އެޤާނޫނުގެ 6 ވަނަ މާއްދާގެ (ހ)ގެ ދަށުން ޓެރަރިޒަމްގެ ދަޢުވާ 19 މާރިޗް 2014 ވަނަ ދުވަހު ދައުލަތުން ޖުވެނައިލް ކޯޓަށް ހުށަހަޅައި، 28 މެއި 2015 ވަނަ ދުވަހު އެމައްސަލާގައި އެކުއްޖާގެ މައްޗަށް ޖުވެނައިލް ކޯޓުން ޙުކުމް ކޮށްފިއެވެ.

މި މައްސަލާގެ ޙުކުމް ކުރުމަށްޓަކައި މިއަދު ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި މިކުއްޖާގެ މައްޗަށް ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅާފައިވަނީ، ހިނގައިދިޔަ ޙާދިސާގައި ލ.ގަން،ތުނޑި/ވުޑްލޭންޑް އަޙްމަދު ނިޒާރު އަށް ލަކުޑި ބުރިއަކުން ދަޢުވާލިބޭ ފަރާތުން ޙަމަލާދިންތަން ދުށްކަމަށާއި، އަޙްމަދު ނިޒާރަށް ޙަމަލާދިން މީހުންގެ ތެރޭގައި ދަޢުވާލިބުނު ފަރާތް ހުއްޓާ ދުށްކަމަށް ބުނެ 02 ( ދޭއް) ހެކިން ހެކިބަސް އަދާކޮށްފައިވާތީއާއި، ދައުލަތުން ހުށަހަޅާފައިވާ ޙާދިސާ ހިނގިތަނަށް ދިޔަ ފުލުހުންގެ ބަހުން ޙާދިސާ ހިނގިތަނުގައި އަޙްމަދު ނިޒާރު ވެއްޓިފައި އޮތްއިރު، އަޙްމަދު ނިޒާރުގެ ބޯ ވަރަށް ބޮޑަށް ޒަޚަމްވެފައިވާކަމާއި، ޙާދިސާ ހިނގިތަނުން ޙަމަލާ ދިންކަމަށް ބެލެވޭ ދަގަނޑު ބުރިއަކާއި ލަކުޑި ބުރިއަކާއި ކަނދުބުރިއެއް ފެނިފައިވާކަމާއި، އަޙްމަދު ނިޒާރަށް ޙަމަލާދީފައިވަނީ ގްރޫޕަކުންކަމަށް އެތަނުގައި ތިބި މީހުންގެ ފަރާތުން އެނގިފައިވާކަމަށް ބުނެފައިވާތީއާއި، މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގައި ދަޢުވާ އުފުލިފައިވާ ލ.ގަން،މުކުރިމަގު/ދުނިފަރު އަޙްމަދު ޝުޖާޢު މި މައްސަލައިގެ ތަޙްޤީޤަށް ދީ ސޮއިކޮށް އިނގިލީގެ ނިޝާންޖަހާފައިވާ ބަޔާނުގައި، މި ޙާދިސާ ހިނގިރޭ ލ.ގަން،ތުނޑީ ސްޓޭޖް ސަރަޙައްދަށް އެހެންބަޔަކާއެކު ފުޓުބޯޅަ މެޗެއް ބެލުމަށް ދިޔަކަމަށާއި އެސަރަޙައްދުގައި އުޅުނުއިރު، ދަޢުވާލިބުނު ފަރާތާ ބައްދަލުވިކަމަށާއި އެރޭ އެމީހުން ވަކި މީހަކު ހޯދަން އުޅުނުކަން ދަޢުވާލިބުނު ފަރާތަށްވެސް އެހެންމީހެއްގެ ފަރާތުން އެނގޭނެ ކަމަށާއި އަދި އެސަރަޙައްދުން އެމީހުންނާއި ބައްދަލުވިފަހުން އެންމެންވެސް އުޅުނީ އެކުއެކީގައި ކަހަލަ ގޮތަކަށް ކަމަށްބުނެފައި އޮންނާތީއާއި، އަޙްމަދު ނިޒާރު މަރުވި ޙާދިސާ ހިނގިރޭގެ ކުރީރޭ މި މައްސަލާގައި ތުހުމަތު ކުރެވޭ އެހެން މީހުންނާއެކު ލ.ގަން،ތުނޑި/ފަތިސް ހަނދުވަރުހިޔާއަށް މީހަކު ހޯދަން ގޮސް އެތަނުގައި އަޑުގަދަކޮށް މީހަކު ނެރޭށޭ ކިޔާ ހަޅޭއްލަވާ ހެދި މީހުންގެ ތެރޭގައި ދަޢުވާލިބުނު ފަރާތް ހުރިކަން ހެކިންގެ ބަހުން އެނގޭތީއާއި، ހިނގައިދިޔަ ޙާދިސާއާ ގުޅިގެން އަޙްމަދު ނިޒާރު މަރުވެފައިވަނީ ކޮން އެއްޗަކުން ޖަހައިގެން ލިބިފައިވާ އަނިޔާތަކެއްގެ ސަބަބުންކަން ކަނޑައެޅިގެން އެނގެން ނެތް ނަމަވެސް، މިޙާދިސާގައި އަޙްމަދު ނިޒާރާމެދު މަރާމާރީ ހިންގާފައިވާކަމާއި އޭނާގެ ބޮލަށް އަނިޔާތަކެއް ލިބިފައިވާކަން އަޙްމަދު ނިޒާރުގެ މެޑިކޯ ލީގަލް ކޭސް ރިޕޯޓަށާއި އޭގެ ތަރުޖަމާއަށް ބެލުމުން އެނގެން އޮންނާތީ، އަޙްމަދު ނިޒާރު މަރުވެފައިވަނީ، މިމާރާމާރީއާއި މިމާރާމާރީއާ ގުޅިގެން ލިބުނު އެކިކަހަލަ އަނިޔާތަކާ ޒަޚަމްތަކުގެ ސަބަބުން ކަން ހުށަހެޅިފައިވާ ހެކިތަކާ ޤަރީނާ ތަކުން ޝަރީޢަތަށް ސާބިތުވާތީއާއި، ހިނގައިދިޔަ ހާދިސާއަށް ބަލާއިރު، މިޢަމަލަކީ ދަޢުވާލިބުނު ފަރާތާ އިތުރު ބަޔަކު ބައިވެރިވެގެން ވަކި މީހަކު ހޯދައި އެމީހާއަށް ޙަމަލާދިނުމަށް ކުރީންސުރެ ތައްޔާރުވެގެން ވަކި ތަނެއްގައި ތިބެ ލަކުޑިބުރިއާ ދަގަނޑުހޮޅިބުރި ބޭނުންކޮށްގެން ހިންގާފައިވާ ޢަމަލެއްކަމާއި، މިޢަމަލު ހިންގިތަނާއި ހިންގި ގޮތާއި ހިންގި ވަގުތާއި ޙާލަތަށާއި އަދި ބޭނުންކުރި އާލާތަށް ބަލާއިރު، މިއީ ބަޔަކަށް ބިރުދެއްކުމުގެ ގޮތުން ނުވަތަ ބައެއްގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް އަނިޔާވެރިވުމުގެ ގޮތުން ހިންގާފައިވާ ފަސާދައިގެ ޢަމަލެއްކަމާއި، ދަޢުވާލިބުނު ފަރާތް ކުޅަ ކުށުގެ މިޢަމަލުގެ ސަބަބުން މީހެއްގެ ފުރާނަ ގެއްލިގެން ގޮސްފައިވުމުން، މިޢަމަލަކީ ޤާނޫނު ނަންބަރު 90/‏10 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު)ގެ 2 ވަނަ މާއްދާގެ (ހ) ގައި ބުނާފަދަ ޓެރަރިޒަމްގެ ޢަމަލެއްކަން އެނގެން އޮންނާތީ، ދައުލަތުން ދަޢުވާލިބުނު ފަރާތުގެ މައްޗަށް ކުޅަ ޓެރަރިޒަމްގެ ކުށުގެ މި ދަޢުވާ، ހެކިންގެ ހެކިބަހުންނާއި، ޝަރީޢަތަށް ހުށަހެޅުނު ކިތާބީ ހެކިތަކުންނާއި، ގުޅިފައިވާ (ތަސަލްސުލް) ޤަރީނާތައް ތަޤްޔީމްކޮށް ވަޒަންކުރުމުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ގެ 51 ވަނަ މައްދާގެ (އ) ގައި ބުނާ ޝައްކެއްނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވެއްޖެކަމަށް ކަނޑައަޅައި،

މިޙާދިސާ ހިނގިއިރު، ދަޢުވާލިބުނު ފަރާތަކީ، މީލާދީގޮތުން 18 އަހަރު ނުފުރޭ ޤާނޫނީ ގޮތުން ކުއްޖަކަށްވާތީ، "ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ބަލާ، ތަޙުޤީޤުކޮށް، އިންސާފުކޮށް އަދަބުދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު"ގެ 17 ވަނަ މާއްދާގެ (ހ) އާއި އެމާއްދާގެ (ބ) ގެ 01 ވަނަ ނަންބަރާއި 02 ވަނަ ނަންބަރަށް ރިޢާޔަތްކޮށް، ޤާނޫނު ނަންބަރު 90/‏10 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު)ގެ 2 ވަނަ މާއްދާގެ (ހ)އާ ޙަވާލާދީ، އެޤާނޫނުގެ 6 ވަނަ މާއްދާގެ (ހ)ގެ ދަށުން ދަޢުވާލިބުނު ފަރާތް 16 (ސޯޅަ) އަހަރާއި 08 (އަށެއް) މަސްދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށް، އެމައްސަލަ ނިންމާފައިވެއެވެ.