ޚަބަރު | 2015 ވަނަ އަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހުގެ ތަފާސްހިސާބު ރިޕޯޓް

ޕަބްލިޝްކުރި ތާރީޚް: 2015.07.052015 ވަނަ އަހަރު ޖުވެނައިލް ކޯޓުގެ ތަފާސްހިސާބުގެ މައްޗަށް ބަލާލެވިފައިވާ، މި ކަރުދާހުގައި، ހިމެނިފައިވާނީ ޖުވެނައިލް ކޯޓަށް 2015 ވަނަ އަހަރު ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ހުށަހަޅާފައިވާ މައްސަލަތަކާ ގުޅޭ ތަފާސްހިސާބުތަކާއި، ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ކުދިންގެ ތެރެއިން ބަންދާއިމެދު ގޮތެއް ނިންމުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޖުވެނައިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތަފާސްހިސާބުތަކުގެ އިތުރުން ކޯޓުން ކުރިއަށް ގެންދާ އިޞްލާޙީ ޕްރޮގްރާމުގެ މިއަހަރުގެ ފުރަތަމަ 4 މަސްދުވަހުގެ ތަފާސްހިސާބެވެ.

2015 ވަނަ އަހަރު ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ހުށަހަޅާފައިވާ މައްސަލަތަކާ ގުޅޭ ތަފާސްހިސާބުތަކަށް ބަލާލާއިރު 2015 ވަނަ އަހަރުގެ ފުރަތަމަ 4 މަސްދުވަހަށް ބަލާއިރު 2014 ވަނަ އަހަރު ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކަށްވުރެ 2015 ވަނަ އަހަރު ހުށަހެޅިފައިވާ މައްސަލަތަކުގެ އަދަދު %68 މަދެވެ. އަދި ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހެޅިފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. އެގޮތުން 2015 ވަނަ އަހަރު ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން %50 މައްސަލަތަކަކީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. 2015 ވަނަ އަހަރު ކޯޓުގައި ކުރިއަށް ގެންގޮސްފައިވާ މައްސަލަތަކުގެ ތެރެއިން %58 މައްސަލަވަނީ ނިންމާފައެވެ. މިގޮތުން ކޯޓުން ނިންމާފައިވާ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ޓެރަރިޒަމްގެ މައްސަލައަކާއި މަސްތުވާތަކެތީގެ ތަފާތު މައްސަލަތަކުގެ އިތުރުން ފޭރުމާއި އަމުރަށް ނުކިޔަމަންތެރިވުމާއި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ މައްސަލަތައް ހިމެނެއެވެ.

ނިމުނު މައްސަލަތަކުގެ ތެރެއިން 14 ދުވަސް ތެރޭގައި ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ރިޕޯޓް ފޮނުވަންޖެހޭ މައްސަލައިގެ ތެރެއިން %97 މައްސަލައިގެ ރިޕޯޓު ފޮނުވިފައިވެއެވެ.

ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ ކުދިންގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ ތަފާސް ހިސާބު ތަކަށްބަލާލާއިރު، ހައްޔަރުކުރެވޭ ކުދިންގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި 2014 ވަނަ އަހަރުގެ ފުރަތަމަ 4 މަސްދުވަހު ޙާޟިރުކުރެވުނު ކުދިންގެ އަދަދަށް ވުރެ 2015 ވަނަ އަހަރު %37 މަދުވެފައިވާކަން ފާހަގަކުރެވެއެވެ.

 

2015 ވަނަ އަހަރު ގެ ފުރަތަމަ 4 މަސްދުވަހަށް ބަލާއިރު، ކޯޓުން ކުރިއަށް ގެންދާ އިޞްލާޙީ ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި %33 ކުދިން ހުށަހަޅާފައިވާއިރު، އަދި މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ޖުމުލަ %4 ކުދިންނަށް ދެވިފައިވެއެވެ. ފުރުޞަތު ދީފައިވާ ކުދީންގެ ތެރޭގައި މަސްތުވާތަކެއްޗާއި ބަނގުރަލުގެ ކުށުގެ މައްސަލަތަކާއި ޒިނޭކުރުމުގެ ކުށުގެ މައްސަލަތައް ހިމެނެއެވެ.

މި ޕްރޮގްރާމްގެ މަޤުޞަދަކީ ޢުމުރުން 18 އަހަރުން ދަށުގެ ކުށްކުރާ ކުޑަކުދީން އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނެސް، އެކުދިންނަކީ މުޖުތަމަޢަށް ފައިދާހުރި، ބޭނުންތެރި ކުދިންތަކަކަށް ހެދުމާއި، އަދި ޖަލަށް ޙުކުމްކުރެވޭ ކުދިންގެ ތެރެއިން، ކިޔަވާކުދިންނާއި، ވަޒީފާތަކުގައި އުޅޭ ކުދިންނަށް އެކުދިންގެ ކިޔެވުމުގެ ފުރުޞަތާއި ވަޒީފާއަށް ދިއުމުގެ ފުރުޞަތު ގެއްލިގެން ނުދާނެ ގޮތެއްގެ މަތިން ޙުކުމް ތަންފީޛުކުރެވެމުންދާއިރު، ކިޔެވުމާއި ވަޒީފާއަށް ދިއުމުގެ ފުރުޞަތު ދިނުމާއި އަދި މަސައްކަތާއި ހުނަރު ދަސްކޮށްދޭ ޕްރޮގްރާމްތަކުގައި ބައިވެރިކުރުމަށް ފުރުޞަތު ތަނަވަސްކޮށްދިނުމެވެ.

ފުރުޞަތު ދެވިފައިވާ ކުދީންގެ ތެރެއިން ޕްރޮގްރާމްތައް ފުރިހަމަކޮށް، އިޞްލާޙުވެ އަބުރާ މުޖުތަމަޢަށް ގެނެވި، ޢާއިލާތަކާއި ޙަވާލުކުރެވިފައިވާ ކުދީންނާއި، ތަފާތު ސަބަބުތަކާއި ހުރެ ޕްރޮގްރާމް ފުރިހަމަނުކޮށްތިބި ކުދީންނާއި ފަރުވާ ފުރިހަމަ ކުރިނަމަވެސް ކުށް ތަކުރާރުކޮށްފައިވާ ކުދީން ތިބިކަން ފާހަގަކުރެވިފައިވެއެވެ.

މިކުދީންނަށް ފުރުޞަތު ދެމުންދަނީ '' ކުޑަކުދިންކުރާ ކުށުގެ މައްސަލަތައް ބަލާ، ތަޙުޤީޤުކޮށް، އިންސާފުކޮށް އަދަބުދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު'' ގެ 19 ވަނަ މާއްދާއާއި 20 ވަނަ މާއްދާގެ ދަށުން، ޖުވެނައިލް ކޯޓުން އެކުލަވާލާފައިވާ، ކުށްކުރާ ކުޑަކުދިން އިޞްލާޙުކޮށް އަނބުރާ މުޖުތަމައަށް ގެނައުމަށްޓަކައި ކޯޓުން ހިންގާ އިޞްލާޙީ ޕްރޮގްރާމްތައް ހިންގާ ގޮތުގެ އުޞޫލުތައް ކަނޑައަޅާ ބަޔާންކުރާ ގޮތުގެ އިޖުރާއާތުގައިވާ ގޮތުގެ މަތީން، ކަމާގުޅޭ އެންމެހައި އިދާރާތަކާއިއެކު މަޝްވަރާކޮށް، ކުށްކުރާ ކުޑަކުދީން އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި ކަމާގުޅޭފަރާތްތަކުން ހިންގާ ތަފާތު ޕްރޮގްރާމްތަކުގައި މިކުދީން ބައިވެރި ކޮށްގެންނެވެ. އެގޮތުން ޖަލަށް ޙުކުމް ކުރެވޭ ކުދިން ގޭބަންދަށް ބަދަލުކުރުމާއި، ގޭބަންދުގައި ހުރެގެން ކިޔަވަން ދިއުމުގެ ފުރުޞަތު ދިނުމާއި، ގޭބަންދުގައި ހުރެގެން ވަޒީފާއަށް ދިއުމުގެ ފުރުޞަތު ދިނުމާއި ޖުވެނައިލް ޖަސްޓިސް ޔުނިޓުން ހިންގާ ޕްރޮގްރާމްތަކުގައި ބައިވެރިކުރުމާއި، ކުރީގެ ޑީ.ޑީ.ޕީ.އާރު.އެސްއިންނާއި، މިހާރުގެ އެން.ޑީ.އޭ އިން ހިންގާ ޕްރޮގްރާމްތަކުގައި ބައިވެރިކުރުމާއި، މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ހިއުމަން ރައިޓްސް އިން ހިންގާ ތަފާތު ޕްރޮގްރާމް ތަކުގައި ބައިވެރިކުރުވުމުގެ އިތުރުން، ކުލަބު ޖަމްޢިއްޔާ އަދި ޖަމާޢަތްތަކާއި ގުޅިގެން ކުރިއަށް ގެންދާ ތަފާތު އިޖުތިމާޢީ ޙަރަކާތް ތަކުގައި ބައިވެރިވުމުގެ ފުރުޞަތު އޮންނަގޮތުގެމަތިންނެވެ.