ޚަބަރު | އަސީލްގެ މަރުގެ މައްސަލައާ ގުޅިގެން ދަޢުވާލިބޭ ދެ ކުދިންގެ ފަރާތުން ހުށަހެޅި ދިފާޢީ ހެކިންގެ ހެކިބަސް ނަގައި ނިމިއްޖެ.

ޕަބްލިޝްކުރި ތާރީޚް: 2015.07.0923 އޯގަސްޓް 2014 ދުވަހު 20:45 އެހައިކަށްހައިއިރު، ދިދިގޯޅި ތެރޭގައި ހުންނަ ''އަގޯރާ އެކްސްޕްރެސް'' ފިހާރަ ކުރިމަތީގައި ބަޔަކު ތިއްބައި، ސައިކަލުތަކެއްގައި އެތަނަށް ދިޔަ ބަޔަކު، އެތާ ތިބި މީހުންނަށް ތޫނު އެއްޗަކުން ޙަމަލާދިނުމުގެ ސަބަބުން، ލިބުނު އަނިޔާތަކަށް ބޭސްފަރުވާކުރަމުން ދަނިކޮށް ތ.ތިމަރަފުށި ބުލޫނިޔާގެ އަސީލް އަޙްމަދު މަރުވެފައިވާތީ، ޤާނޫނު ނަންބަރ 10/90 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން ދެ ކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާ 12 ފެބްރުވަރީ 2015 ވަނަ ދުވަހު، ދައުލަތުން ޖުވެނައިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ދަޢުވާ ލިބޭ ފަރާތްތަކުން ދިފާޢުގައި ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނަގައި ނިމިއްޖެއެވެ. ދަޢުވާލިބޭ ކޮންމެ ކުއްޖެއްގެ ފަރާތުންވެސް ދިފާޢުގައި ހުށަހަޅާފައިވަނީ ދެ ހެކިންނެވެ.

ދިފާޢީ ހެކިންގެ ހެކިބަސް 29 ޖޫން 2015 އާ ހަމަޔަށް ނަގައި ނިމފައިވުމާއެކު، މި މައްސަލައާ ގުޅިގެން މިއަދު ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ހެކިންގެ ހެކިބަހާ ގުޅޭ ގޮތުން ޚުލާޞާކޮށް ވާހަކަ ދެއްކުމަށް ދެ ފަރާތަށްވެސް ފުރުޞަތު ދެވިފައިވާއިރު، މިއަދުގެ ޝަރީޢަތުގެ މަޖިލީހުގައި ދިފާޢީ ވަކީލުން އެކަމަށް އިތުރު ފުރުޞަތަކަށް އެދިފައިވާތީ، ހެކިންގެ ހެކިބަހާ ގުޅޭގޮތުން ޚުލާޞާކޮށް ވާހަކަ ދެއްކުމަށް އެ ފަރާތްތަކަށް އިތުރު ފުރުޞަތެއް މިއަދުގެ ޝަރީޢަތުގެ މަޖިލީހުގައި ދެވިފައިވެއެވެ.